ޚަބަރު
ޤައުމަށްޓަކައި އީމާންތެރިކަމާއި އިޚްލާޞްތެރިކަމާއި އަމާނާތްތެރިކަން އިސްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިލްތިމާސެއް!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤައުމީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދެއްކެވުން |ފޮޓޯ: ރައީސް އޮފީސް
ޤައުމަށްޓަކައި އީމާންތެރިކަމާއި އިޚްލާޞްތެރިކަމާއި އަމާނާތްތެރިކަން އިސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން އިލްތިމާސްކުރެއްވީ، މިއަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމަށް، ތިލަދުންމަތީ އުތުރުބުރީ އުތީމުގައި މިއަދު ހެނދުނު ބޭއްވެވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، އިޚްލާޞްތެރިކަމާއި އަމާނާތްތެރިކަން އިސްކޮށްގެން ކުރިއަށްދިއުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މިގޮތުގައި ކުރިއަށް ގޮސް، ސަރުކާރުން ގެނެސްދޭ ތަރައްޤީ އާއި ރައްޔިތުންގެ ވިސްނުމާއި ފިކުރަށް ގެންނަ ތަރައްޤީއާ އެކު، ދިވެހިރާއްޖެއަށް ފުރިހަމަ ވަށާޖެހޭ ތަރައްޤީ ލިބޭނޭކަމީ ޝައްކެއް އޮތް ކަމެއް ނޫންކަމުގައި އެމަނިކުފާނު ވަނީި ވިދާޅުވެފައެވެ.
މީގެ އިތުރުން، ކޮންމެ މީހަކީވެސް އިސްލާމް ދީން ބަޔާންކޮށްދެއްވި މަތިވެރި އިރުޝާދުތަކާއި، ދައްކުވައިދީފައިވާ މަތިވެރި މަގުން ކުރިއަށްދާންޖެހޭ މީހެއްކަން ފާހަގަކުރައްވައި، އެ ފަދައިން ޢަމަލުތައް ބައްޓަންކުރަންވީ ދުވަހަކީ މިއީ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ކޮންމެ ދިވެއްސަކީވެސް، ޤައުމުގެ އަބުޠާލުންގެ މަތިވެރި ޖިހާދުގެ ފުރިހަމަ އަގުވަޒަންކުރާ މީހަކަށް ވާންޖެހޭކަމަށާއި، ތަރައްޤީވެފައިވާ، އަމާން، އަދި އުފާވެރި ޤައުމެއްގެ ގޮތުގައި ކުރިއަށްދެވެން އޮތީ ހަމައެކަނި މި ބީދައިން ކަމުގައިވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ޤައުމަށް ކުރިއެރުން ގެނައުމަށް ސަރުކާރުތަކުން މަސައްކަތްކުރައްވާނެ ކަމަށެވެ. އެހެން ނަމަވެސް، ޙަޤީޤީ ކުރިއެރުމަކީ ފަރުދީ ޒިންމާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމުން، ހިތުގައި ޤައުމިއްޔަތު ޢާލާކޮށް، އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ކުރަން އޮތް އެންމެ މުހިންމު ކަންތައްކަމުގައި އެ މަނިކުފާނު ވަނީ ސިފަކުރެއްވާފައެވެ. އަދި މިކަމުގައި އަދުގެ ޒުވާނުންގެ މައްޗަށް އޮތް ޒިންމާތަކަށްވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.
މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު އެރުވި، އުތީމު ރައްޔިތުންގެ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތް އެރުއްވި، ދިވެހި ދައުލަތަށް 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އާދަމް ޢަބްދުއްރަޙްމާނުގެ ނަންފުޅު ވަކީން ފާހަގަކުރައްވައި، އެ ބޭފުޅާގެ ޚިދުމަތަށްވެސް އެ މަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ. ހަމަ މިއާއެކު، ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭބޭފުޅުންނަށްވެސް އެ މަނިކުފާނު ވަނީ ޝުކުރުއަދާކުރައްވާފައެވެ.