ޚަބަރު
ފިނޭގެ ބަނދަރުގެ މަސައްކަތް ނިންމަވައިދެއްވާނީ ރައްޔިތުން އެދިވަޑައިގެންނެވި ގޮތަށް، ގެނެވެން އޮތް ހުރިހާ ބަދަލެއް ގެންނެވުމަށް ފަހު: ރައީސް

ރައީސުލްޖުމްހޫރިއްޔާ ފިނޭގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދެއްކެވުން/ފޮޓޯ: ރައީސް އޮފީސް
ހދ. ފިނޭގެ ބަނދަރުގެ މަސައްކަތް ނިންމަވައިދެއްވާނީ ރައްޔިތުން އެދިވަޑައިގެންނެވި ގޮތަށް، ގެނެވެން އޮތް ހުރިހާ ބަދަލެއް ގެންނެވުމަށް ފަހުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، ތިލަދުންމަތީ ދެކުނުބުރީ ފިނޭއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ މިއަދު ހަވީރު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ފިނޭގައި މިވަގުތު ކުރިއަށްދާ އެންމެ މުހިންމު މަޝްރޫޢަކީ ބަނދަރުގެ މަސައްކަތްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މި މަޝްރޫޢަށް ބަދަލުތަކެއް ގެނައުމަށް ރައްޔިތުން އެދިވަޑައިގަންނަވާކަމަށެވެ. އެހެންކަމުން، ބަނދަރުގެ މަސައްކަތް ނިންމަވައިދެއްވާނީ، ރައްޔިތުން އެދިވަޑައިގެންނެވި ބަދަލުތަކުގެ ތެރެއިން، ގެނެވެން އޮތް އެންމެ ގިނަ ބަދަލުތައް ގެންނެވުމަށްފަހުގައި ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، 2026 ވަނަ އަހަރުގެ ބަޖުޓުގައި މިކަންކަން ހިމަނުއްވައި، ރައްޔިތުންގެ ހުވަފެންތަކުގައި ވީހާވެސް ރަނގަޅަކަށް ކުލަ ޖައްސަވައިދެއްވާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ފިިނޭގެ ތަރައްޤީއަށް ބޭނުންވާ އިތުރު މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ، ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ރަށަށް މުހިންމު ތަރައްޤީ ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. ހަމަ މިއާއެކު، ރަށުގެ ސްކޫލު ހުރި ސަރަޙައްދު ބަދަލުކުރުމަށް ރައްޔިތުން އެދިވަޑައިގަންނަވާކަން ފާހަގަކުރައްވަމުން ރައީސް ވަނީ، އެއީ ޚުދު އެމަނިކުފާނަށް ވެސް ޤަބޫލުފުޅުކުރެއްވޭ، ދެކޮޅުޖެހޭ ކަމެއް ކަމަށާއި، 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން، މިކަމުގެ މަސައްކަތްތައް ވެސް ކުރިއަށް ގެންގޮސްދެއްވާނެކަމުގައި ވިދާޅުވެފައެވެ.
ހަމަ މިއާއެކު، އެ ރަށުގައި ކުނި މެނޭޖުކުރާނެ މަރުކަޒެއް ޤާއިމުކުރުމާއި، ފުލުހުންގެ މަރުކަޒު ޤާއިމުކުރުން ފަދަ މުހިންމު މަޝްރޫޢުތަކެއް ވެސް ކުރިއަށް އެބަ ހުންނެވިކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، ކުޑަކުދިންގެ ޕާކު އެޅުންފަދަ ކަންކަން ވެސް ކުރިއަށް އެބަހުރިކަމަށާއި، ހަކަތައިގެ ދާއިރާއިންވެސް ފިނޭއަށް ގިނަ ކުރިއެރުންތަކެއް ހޯއްދަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ތަކުރާރުކޮށް ވަނީީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ، ފިނޭގައި ފެށުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކަކީ ސަރުކާރުން ވަރަށް އިސްކަންދެއްވައިގެން ކުރައްވާނެ ކަންތައްތަކެއްކަމުގެ ޔަޤީންކަން ދެއްވުމަށްފަހުއެވެ.