ޚަބަރު
ރައީސުލްޖުމްހޫރިއްޔާ، ހަނިމާދޫ ކައުންސިލާއި ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، ހަނިމާދޫ ކައުންސިލާއި ބައްދަލުކުރެއްވުން/ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލް އިދާރާގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި، އެރަށުގެ ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުން ވަނީ، އެރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައިގެ އިތުރުން ރަށުގެ ޒުވާނުންނަށް ވޮލީ ކޯޓެއް ބޭނުންފުޅުވާކަމަށް ވިދާޅުވެފައެވެ. ހަމަ އެހެންމެ، ހަނިމާދޫ ސްކޫލަށް ބޭނުންވާ ކްލާސްރޫމާއި ލެބޯޓްރީ ވަޞީލަތްތައް ޤާއިމުކޮށްދެއްވުމަށް ރައީސްގެ އަރިހުން ވަނީ އެދިވަޑައިގަންނަވާފައެވެ. މީގެ އިތުރުން، އެ ރަށުގެ އިޤްތިސާދު އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ އެކި ކަންކަން ކައުންސިލުން ހުށަހަޅާފައިވެއެވެ.
އެގޮތުން، ގެސްޓް ހައުސް ނުވަތަ ރަށު ފަތުރުވެރިކަމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް މިފަދަ މަސައްކަތްތަކަށް ލުއި ލޯނު ލިބޭނެ މަގުފަހިކޮށްދެއްވުމަށް ރައީސްގެ އަރިހުން އެދިވަޑައިގެންނެވިއެވެ. ހަމަ މިއާއެކު، ރަށުގައި ޑޮލަރު ނެގޭނެ ގޮތެއް ހޯއްދަވައިދެއްވުމަށާއި، އަލަށް ގެވަޅު ދޫކުރި ސަރަހައްދަށް ފެނާއި ކަރަންޓާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މުހިންމުކަންވެސް ހަނިމާދޫ ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.