Ads by Stelco

ޚަބަރު / ރިޕޯޓް

ހދ. އަތޮޅު ޓޫރިޒަމް ނެތް އަތޮޅުގެ ލޭބަލުން ދުރުކޮށް ފައްކާވެފައިވާ ފަތުރުވެރިކަމުގެ މަންޒިލަކަށް ހަދަނީ

ހދ. އަތޮޅު ޓޫރިޒަމް ނެތް އަތޮޅުގެ ލޭބަލުން ދުރުކޮށް ފައްކާވެފައިވާ ފަތުރުވެރިކަމުގެ މަންޒިލަކަށް ހަދަނީ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ފަރުދުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 އޯގަސްޓު 2025، 12:03

25 އޯގަސްޓު 2025، 12:03

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، ހދ. އަތޮޅަކީ ޓޫރިޒަމް ނެތް އަތޮޅުގެ ލޭބަލުން ދުރުކޮށް، ފައްކާވެފައިވާ ފަތުރުވެރިކަމުގެ މަންޒިލަކަށް ހައްދަވާނެކަމަށެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިހާރު ކުރައްވަމުން ގެންދަވާ ތިލަދުންމަތީ ދެކުނުބުރީގެ ރަށްރަށުގެ ދަތުރުފުޅުގައި ހދ. ނައިވާދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ނައިވާދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން

ރައީސް މުޢިއްޒު ވަނީ ނައިވާދޫ ރައްޔިތުންނަށް ވެވަޑައިގެންނެވި އެންމެ މުހިންމު ވަޢުދުތަކުގެ ތެރޭގައި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭކަން ފާހަގަކުރައްވާފައެވެ. އެގޮތުން، އެ މަޝްރޫޢުގެ މަސައްކަތް މިހާރު އެމްޓީސީސީއާ ހަވާލުކުރެވިފައިވާ ކަމަށާއި، މި މަޝްރޫޢުއަށް ވަރަށް ބޮޑަށް އިސްކަންދެއްވައިގެން ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. މިއީ ރަށަށް އިޤްތިޞާދީ ކުރިއެރުން ގެނުވާނެ މުހިންމު މަޝްރޫޢުއެއްކަން ރައީސް ފާހަގަކުރެއްވިއެވެ.


ނައިވާދޫގެ ތަރައްޤީގެ އެހެނިހެން މަޝްރޫޢުތައް

ރައީސްގެ ވާހަކަފުޅުގައި ނައިވާދޫގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ފާހަގަކުރެއްވިއެވެ:

ފުޓްބޯޅަ ދަނޑު: ފުޓްބޯޅާގައި ނައިވާދޫއިން ކާމިޔާބުތަކެއް ހޯދާފައިވީ ނަމަވެސް ފެންވަރު ރަނގަޅު ދަނޑެއް ނެތުމުން ޒުވާނުންނަށް ދަތިތަކެއް ހުރިކަން ފާހަގަކުރައްވާ، އެ މަސައްކަތް ހަވާލުކުރާނެ ކުންފުންޏެއް ހޯދާފައިވާ ކަމަށާއި، ވަރަށް އަވަހަށް އަމަލީ މަސައްކަތް ފެށޭނެ ކަމަށް ވިދާޅުވިއެވެ.

ސްކޫލު ހޯލު މަސައްކަތް: ސްކޫލުގައި ފަށާފައިވާ ހޯލުގެ މަސައްކަތް ލަސްތަކެއް ހުރިނަމަވެސް، އެކަމަށް ހައްލު ގެނެސްފައިވާ ކަމަށާއި، މަޝްރޫޢު ބާރަށް ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ބަނދަރު މަޝްރޫޢު: މިހާރު ބަނދަރު ހެދުން ފެށިފައިވާ ކަމަށާއި، ރައްޔިތުން އެދޭ ބަދަލުތައް މަޝްރޫޢުއަށް ގެންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ނަރުދަމާ ނިޒާމު: ނަރުދަމާ މަޝްރޫޢުގެ 80 އިންސައްތަ ނިމިފައިވާ ކަމަށާއި، އެ މަޝްރޫޢު ހިންގުމަށް މިހާރު ދަތިކަމެއް ނެތް ކަމަށާއި، އަވަހަށް ނިންމޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސިއްޙީ ދާއިރާ: ސިއްޙީ ދާއިރާވެސް ތަރައްޤީކުރައްވާނެ ކަމަށް ވިދާޅުވެ، އަންނަ އަހަރުގެ ބަޖެޓުގައި ސިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރުމަށް އައު އިމާރާތާއި ވަސީލަތްތައް ހަމަކުރުމާއި، ލެބޯޓްރީ ވަރުގަދަކުރުން ހިމެނޭނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އެމްބިއުލާންސްގެ މައްސަލަ ވަރަށް އަވަހަށް ހައްލުކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މަގުހެދުން: ނައިވާދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު އަންނަ އަހަރު ފަށްޓަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކަރަންޓުގެ މައްސަލަ: ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ޖަނަރޭޓަރު ސެޓެއް ގެނައުމުގެ މަސައްކަތް ކުރައްވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ލޭންޑްޔޫސް ޕްލޭން: ނައިވާދޫގެ އިޚްތިސާސްގައި ދެ ރަށެއް އޮތުމުން، އެ ދެރަށް ހިމެނޭގޮތަށް ކައުންސިލުން ލޭންޑްޔޫސް ޕްލޭން ހެދުމުން އެކަންވެސް ކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ހދ. އަތޮޅުގައި ފަތުރުވެރިކަން ފުޅާކުރުން

ރައީސް މުޢިއްޒު ވަނީ ހދ. އަތޮޅުގައި ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، މިހާތަނަށް މިއަތޮޅުގައި ފަތުރުވެރިކަން ކުރިއެރުވުމަށް އެއްވެސް ބަޔަކަށް މަސައްކަތް ކުރެވިފައިނުވާކަން ފާހަގަކުރައްވާ، މިސަރުކާރުން ވަރަށް މުހިންމު މަސައްކަތްތަކެއް ފަށާފައިވާކަމަށް ވިދާޅުވިއެވެ.

މިއަތޮޅު ހިމެނޭހެން އިންވެސްޓުކުރާ ފަރާތްތަކަށް ވަރަށް ބޮޑު ލުއިތަކެއް ދީފައިވާކަމަށާއި، ގާތްގަނޑަކަށް 10 ވަރަަށް ސަރަޙައްދު ބިޑަށް ހުޅުވާލެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ބައެއް ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށް ބިޑު ހުށަހަޅަމުންދާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނާގޯށި މަޝްރޫޢު އަލުން ފަށައިފި

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ކުރިއަށް ގެންދަން މަސައްކަތްކޮށް ހުއްޓިފައިވާ ހދ. ނާގޯށި މަޝްރޫޢުވެސް ކުރިއަށް ގެންދާނެ ގޮތްތައް ހޯދާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެ މަޝްރޫޢު ބާރަށް ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ދެއްވަމުން، އެމްޓީޑީސީއަށް ފިނޭންސް މިނިސްޓްރީގެ ތެރެއިން ލުއިތަކެއް ދީގެން ނާގޯށި ފެށުމަށް މޯބިލައިޒް ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. ނާގޯށީގައި ރިސޯޓެއް ތަރައްޤީކުރުމަށް 2006 ވަނަ އަހަރު އެމްޓީޑީސީއަށް ހަވާލުކުރެވުނު ނަމަވެސް، މާލީ ދަތިކަންފަދަ ސަބަބުތަކާހުރެ އެ މަސައްކަތްތައް ހުއްޓިފައިވަނީ ދުވަސްތަކެއް ވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯއާއި މި އަހަރުގެ ރިޔާސީ ބަޔާނުގައި ވެސް ރާއްޖޭގެ ފަތުރުވެރިކަން ނެތް ސަރަޙައްދުތަކުގައި ފަތުރުވެރިކަން ތަރައްޤީކޮށް އޭގެ ނަފާ އެސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭނެ ގޮތް ހަދައިދިނުމަށް ވަޢުދުވެވަޑައިގެންފައި ވެއެވެ.

ނައިވާދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް ވަނީ، ނައިވާދޫގެ ތަރައްޤީގެނެސް ރައްޔިތުން އެދޭގޮތަށް ކަންކަން ހާސިލްކޮށްދޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން