ޚަބަރު
މޫސުން ގޯސްވުމުގެ ސަބަބުން ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފި

ކަނޑު ގަދަ ދުވަހެއްގައި ދަތުރުކުރަނީ--
މޫސުން ގޯސްވުމުގެ ސަބަބުން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މި ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓް އޮފީހުން ވަނީ މިއަދު މެންދުރުފަހު 12:00 އިން ފެށިގެން ހަވީރު 17:00 އާއި ހަމައަށް ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރިފައެވެ. އަދި މި ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އަދި އެ ސަރަޙައްދުގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވިއްސާރަ ވެހުނުކަމަށް ރެކޯޑު ކުރެވިފައި ވަނީ އައްޑޫ ސިޓީގެ ގަމަށެވެ. އެގޮތުން ގަމަށް ވަނީ 109.2 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.
މިދިޔަ މަހާއި މި މަހުގެ ކުރީކޮޅު ހުޅަނގު މޫސުމުގެ ވިއްސާރަ ކުރުމަށްފަހު، ފާއިތުވި ދެ ހަފްތާއެއްހާ ދުވަހު ރާއްޖޭގެ ގިނަ ހިސާބުތަކުގައި އިޙުސާސްކުރެވޭ ހޫނު މިން ވަނީ މައްޗަށް ގޮސްފައެވެ.