Ads by Stelco

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ހދ. ނައިވާދޫ ކައުންސިލާ ބައްދަލުކުރައްވާ މުހިންމު މަޝްވަރާތަކެއް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، ހދ. ނައިވާދޫ ކައުންސިލާ ބައްދަލުކުރައްވާ މުހިންމު މަޝްވަރާތަކެއް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، ނައިވާދޫ ކައުންސިލާއި ބައްދަލުކުރެއްވުން/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

25 އޯގަސްޓު 2025، 12:31

25 އޯގަސްޓު 2025، 12:31

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ސްކޫލުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި، އެރަށުގެ ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުން ވަނީ، ރަށުގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ މަސައްކަތްދާގޮތާމެދު ހިތްހަމަޖެހޭކަން ފާޅުކުރައްވާފައެވެ. އަދި އެ ރަށުގެ ބަނދަރު ގެ މަޝްރޫޢަށް އިތުރު ބަދަލުތަކެއް ގެނައުމަށް ކައުންސިލުން ވަނީ ހުށައަޅުއްވާފައެވެ. ހަމަ އެހެންމެ، ޞިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަން ޙައްލުކުރެއްވުމަށާއި ޞިއްޙީ މަރުކަޒުގައި އެމްބިއުލެންސެއް ނެތުމުގެ ކަންބޮޑުވުން އެބޭފުޅުން ފާހަގަކުރެއްވިއެވެ. އަދި ރަށުގެ އިންޖީނުގެއާއި ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށް އިތުރު ޖަނަރޭޓަރެއް ހޯދުމުގެ މުހިންމުކަން މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، މި ބައްދަލުކުރެއްވުމުގައި ނައިވާދޫ ސްކޫލްގެ ފަރާތުން ވަނީ، ސްކޫލްގެ ޖާގައިގެ ދަތިކަމާއި އަދި މުވައްޒަފުންގެ ދަތިކަން ޙިއްޞާކުރައްވައި އެ ކަންކަމަށް އަވަސް ޙައްލެއް ހޯއްދަވައިދެއްވުމަށް ރައީސްގެ އަރިހުން އެދިވަޑައިގެންފައެވެ. ހަމަ މިއާއެކު، ރަށުގައި ސްޕޯޓްސް ފިޝިންގއަށް ޝައުގުވެރިކަން ހުރި ޒުވާނުންނަށް ޚާއްޞަކުރެވިގެން ރަށް ކައިރީގައި ސްޕޯޓްސް ފިޝިންގއަށް ޚާއްޞަ ކަނދުފައްޗެއް އަޅުއްވައިދެއްވުމަށް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން